Category Archives: news

ތަފާތު ގޮންޖެހުންތަކާ އެކުގައިވެސް ކައުންސިލުން އަދާކުރަންޖެހޭ ޒިންމާތައް މިގެންދަނީ އަދާކުރަމުން

abdulla

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި  އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިން ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ކައުންސިލް ތައް ހިނގަން ފެށިތާ އަދާ ހަމައަށް މިވީ 6 އަހަރާއި 9 މަހާއި 7 ދުވަސްކަމަށާއި ފާއިތުވެ ދިޔަ ދުވަސްތަކުގައި އަތޮޅު ކައުންސިލުން މިވަނީ، ތަފާތު ގޮންޖެހުންތަކާއި އެކުގައިވެސް ޤާނުނީ ގޮތުން އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކޮށްފައިކަމަށް ވިދާޅުވިއެވެ.

އަތޮޅުގެ ރައްޔިތުންނަށް ދޭން ކައުންސިލްގެ މައްޗަށް ލާޒިމްކުރާ އެންމެހާ ޚިދުމަތްތައް ފަހިކޮށް ލިބޭނެ މަގު ތަނަވަސް ކޮށްދިނުމުގައި އަތޮޅުކައުންސިލްގެ މާލީ ތަނަވަސްކަމާއި ސަރުކާރުގެ އެހީތެރިކަމާއެކު މިގެންދަނީ ޚިދުމަތަކަށްފަހު ޚިދުމަތެއް ތަޢާރަފް ކުރަމުންކަމަށް ކައުންސިލްގެ ރައީސްގެ ވާހަފުޅުގައި ވިދާޅުވިއެވެ.

މީގެއިތުރަށްވެސް ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ކައުންސިލް އުފެދުނު ފަހުން، އެއްމެ ބޮޑު ހޭދައެއް ކުރަމުން މިއަންނަނީ ތަޢުލީމަށްކަމަށާއި މިގޮތުން މި އަތޮޅުގެ 13 ރަށުގެ ކޮންމެ ސްކޫލެއްގެ އެންމެ މޮޅު ދަރިވަރުންނަށް ފައިސާގެ އިނާމު ކޮންމެ އަހަރަކު ދެމުންދާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އަތޮޅު ކައުންސިލަށް އާމްދަނީ ލިބޭނެ ވަސީލަތްތައް ނެތުމުގެ ސަބަބުން ޒުވާނުންނަށް ބޭނުންވާ އިތުރު ތަޢުލީމާ ހުނަރު އިތުރުކުރުމުގެ ފުރުސަތު، ހޯދައި ދިނުމުގައި ނުހަނުބޮޑަށް ދަތިވަމުންދާކަންވެސް ފާހަގަ ކުރެއްވިއެވެ.

ކައުންސިލްތަކަށް އާމްދަނީ ލިބޭނެގޮތްތައް ހަމަޖެހިގެން މެނުވީ ކައުންސިލުން ބޭނުންވާ ޕްރޮގްރާމްތައް އެކަށީގެންވާ ގޮތެއްގައި ނުހިންގޭނެކަމަށް އަތޮޅު ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވިއެވެ.

ސައްޙަ މަޢުލޫމާތު ފެތުރުމަށް އިންފޮމޭޝަން ކޮމިޝަނަރ ގޮވާލައްވައިފި

commition

ސައްޙަ މަޢުލޫމާތު ހޯއްދަވައިގެން މަޢުލޫމާތު ފެތުރުމަށް އިންފޮމޭޝަން ކޮމިޝަނަރ އަލްފާޟިލް ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލުން ބޭއްވެވި ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި މިޒަމާނުގެ ސޯޝަލް މީޑިއާތަކުގައި ފަތުރަމުންދާ ސައްހަނޫން މަޢުލޫމާތުގެ ސަބަބުން މީހުންގެ ހިތްތަކުގައި ނުތަވަނަސްކަމާއި ބިރުވެރިކަން އުފެދިގެންދާ ކަމަށާއި، އެހެންކަމުން މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގު ކޮންމެ މީހަކަށްވެސް ލިބިފައިވުމާއެކު ހަމަޖެހިފައިވާ އުޞޫލުގެތެރެއިން ސައްޙަ މައްލޫމާތު ހޯއްދެއްވުމަށް އެމަނިކުފަނު އެދިވަޑައި ގެންނެވިއެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ހއ. އަތޮޅު ކައުންސިލަކީ ރައްޔިތުންނަށް މަޢުލޫމާތު ފޯރިކޮށް ދިނުމުގައި މުޅި ރާއްޖެ ނަމޫނާއަކަށް ބަލަންވީ އަތޮޅެއްކަމަށާ އެމަނިކުފާނުގެ އޮފީހުން ދެއްވާ މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ ހއ. އަތޮޅުން ހޯދާފައިވާކަންވެސް މިރަސްމިއްޔާތުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އެމަނިކުފާނަކީ ދިވެހިބަހުގެ އުސްތާޒެއްކަމަށްވާތީ, ކައުންސިލްތަކުން ކުރައްވާ ކަންކަމުގައި ކައުންސިލްތަކަށް އެއްބާރުލުން ދެއްވައި ބިނާކުރަނިވި ފާޑުކިޔުމަށް އިރުޝާދު ދެއްވިއެވެ. އަދި ބިނާކުރަނިވި ފާޑުކިއުމާއި ފަނާކުރަނިވި ފާޑުކިޔުމާއި އާޑަ ފުރައްސާރަ ކުރުމަކީ ކޮބައިކަން ބަހުގެ ހަމަތަކުން މިއަދުގެ ޖީލަށް އޮޅުން ފިލުއްވައި ދެއްވިއެވެ.

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވައިފި

inaam

ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ، ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ 03 ޑިސެމްބަރ 2017 ވަނަ ދުވަހުގެރޭ ދިއްދޫގައި ބާއްވައިފިއެވެ. ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށުނު މިޖަލްސާ ޝަރަފްވެރި ކޮށްދެއްވީ އިންފޮމޭޝަން ކޮމިޝަނަރ އަލްފާޟިލް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ. މިރަސްމިއްޔާތުގައި ރަށްރަށުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި ރަށުކައުންސިލްތަކުގެ އިސްވެރިންނާއި ދިއްދޫގައި ހުންނަ ސަރުކާރު މުވައްސަސާތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި އެކި ދާއިރާތަކުން އަތޮޅަށް ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކަށާއި 2016 ވަނަ އަހަރު ތަޢުލީމީގޮތުން ޤައުމީފެންވަރުގައި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ޙާސިލްކޮށްފައިވާ، އަތޮޅަށް ނިސްބަތްވާ އަތޮޅު ދަރިވަރުންނަށް އިނާމާއި ހަނދާނީފިލާ ލިބިގެން ދިއައެވެ. އަދި މީގެއިތުރުން ހިންގުމުގެ ދާއިރާއިންނާއި ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭފަދަ ޚިދުމަތް އަތޮޅަށް، ރަށަށް ކޮށްދެއްވާފައިވާ ފަރާތްތަކަށްވެސް އިނާމާއި ހަނދާނީ ފިލާ ލިބިގެން ދިޔައެވެ. މިއީ ހއ. އަތޮޅުން މިފަދަ އިނާމް ދެއްވަމުން ގެންދަވާ ތިންވަނަ ފަހަރެވެ.

މިގޮތުން އިނާމް ދެވުނު އެކި ދާއިރާތަކަކީ:

2017 ވަނަ އަހަރު ހއ. ކެލާގައި ބޭއްވުނު އަތޮޅު ޤުރުއާން މުބާރާތުން އެންމެމޮޅު އަށް ދަރިވަރު

1. ނުޒުލާ އިސްމާޢީލް ރަޝީދު ފެހިއާރު ހއ. ދިއްދޫ

2. ޢާއިޝަތު ނަބީހާ އަމީނާ  ކާނިގަސްދޮށުގެ ހއ. ކެލާ

3. ޒުމްރާ އަޙުމަދު ސާވަން ހއ. ދިއްދޫ

4. ރާއިފް މުޙައްމަދު ރަފީޢު ގްރީންހެވަން ހއ. ހޯރަފުށި

5. ޢާއިޝަތު ޝަރުފާ ނޫވިލް ހއ. ހޯރަފުށި

6. އަޙުމަދު ސުޖާޢު ތޯތާއާގެ ހއ. ހޯރަފުށި

7. އައުލާ އަޙުމަދު ޝާކިރު ސަންޝައިން ހއ. ދިއްދޫ

8. މަރިޔަމް މަހާ މުޙައްމަދު މާޒީ ހއ. ދިއްދޫ

 

ބައްތިރީސްވަނަ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން ފޮތުންކިޔެވުމުގެ ގޮފިން ތިންވަނަ

ޢާއިޝަތު ޝަރުފާ ނޫވިލް ހއ. ހޯރަފުށި

 

ބައްތިރީސްވަނަ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން ފޮތުންކިޔެވުމުގެ ގޮފިން އެއްވަނަ

އަޙުމަދު ސުޖާޢު ތޯތާއާގެ ހއ. ހޯރަފުށި

 

ސާނަވީ އިމްތިހާނުތަކުން ވަނަތައް ޙާސިލްކޮށްފައިވާ ފަރާތްތަކަށް ކައުންސިލުން ދެއްވާ ޚާއްސަ އިނާމް ލިބުނު ފަރާތްތައް: މިފަރާތްތަކަކީ ޖީ.ސީ.އީ އޯލެވެލް، އައި.ޖީ.ސީ.އެސް.އީ، އެސް.އެސް.ސީ އިމްތިހާނުތަކުންނާއި އެޑެކްސެލް ޖީ.ސީ.އީ އޭ.ލެވެލް އަދި އެޗް.އެސް.ސީ އިމްތިހާނުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ޤައުމީ ފެންވަރުގައި، އެއްވަނަ، ދެވަނަ އަދި ތިންވަނަ ހާސިލްކޮށްފައިވާ ހއ. އަތޮޅަށް ނިސްބަތްވާ ފަރާތްތަކެވެ.

1. މުޙައްމަދު ޝަމްވީލް ނޫރަންމާގެ ހއ. އިހަވަންދޫ

2. އިޔާން އަހުމަދު ރަޝީދު މާގަސްދޮށުގެ ހއ. މުރައިދޫ

3. ޙައްޔާން ޢަބްދުލްކަރީމް ވާދީ ހއ. ތަކަންދޫ

4. މަރްޔަމް ސަބާ ސިޔާމް ހއ. ކެލާ

5. އަޙުމަދު ރަޝީދު މަންޒަރުގެ ހއ. ދިއްދޫ

6. ސިއްތި އިސްރާ އިރުމަތީގެ ހއ. ދިއްދޫ

7. މަރްޔަމް ނަފްހާ މާގަސްދޮށުގެ ހއ. ހޯރަފުށި

8. ޢާއިޝަތު ޒަހާ ވާދީ ހއ. ހޯރަފުށި

9. މަރިޔަމް އީމާޢަލީ އަލިރެސް ހއ. ހޯރަފުށި

10. އާމިނަތު އީމާ މުތީގެ ހއ. ދިއްދޫ

11. ޝައްމާ ޢަބްދުއްސައްތާރު މާއިނާ ހއ. ދިއްދޫ

12. ރަހާ މުޙައްމަދު ރަޝީދު އަމީނާމަންޒިލް ހއ. ދިއްދޫ

13. މިބްސާ ހަސަން ޒަރީރު ޖީޒާ ހއ. ކެލާ

14. ފާތުމަތު ނަދުހާ ހުދުފިނިފެންމާގެ ހއ. ފިއްލަދޫ

15. ހައްވާ ނަޖްލާ ވައިޓްސިގްނަލް ހއ. ވަށަފަރު

16. އާމިނަތު މިރުސާ ނޫރީގެ ހއ. އުތީމު

17. ސަފިއްޔާ ހަސަން ރޯޒްމީޑް ހއ. މުރައިދޫ

 

މަތީދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުން ދެއްވާ ޚާއްސަ އިނާމް ތިންފަރާތަކަށް ލިބިފައިވެއެވެ.

 

1 . ޚާދީޒާ ލީޒާ ނިވާދޮށުގެ ހއ. ކެލާ ، ކުއްލިއްޔަތު ދިރާސަތުލް އިސްލާމިއްޔާއިން 2014 ވަނަ އަހަރު ހިންގެވި ބެޗްލަރ އޮފް ޓީޗިންގ އިސްލާމިކް ސްޓަޓީޒް ވިތު އޮނާރސް ކޯހުން 1 ވަނަ.

2. ޢާތިފާ ޒަކަރިއްޔާ ހއ. މާރަންދޫ ނޫރަލީގެ ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން 2016 ވަނަ އަހަރު ހިންގެވި މާސްޓަރ އޮފް ދިވެހި ލޭންގްވޭޖް އެންޑް ކަލްޗަރ ކޯހުން 1 ވަނަ.

3. ޑރ މަރިޔަމް ޝަހުނީޒާ ނަސީރު ހއ. ދިއްދޫ ތިލަދޫ ، އެމެރިކާގެ ވޯލްޑަން ޔުނިވަރސިޓީން 2016 ވަނަ އަހަރު ޑޮކްޓަރ އޮފް އެޑިޔުކޭޝަން އިން ކަރިކިއުލަމް އިންސްޓްރަކްޝަން އެންޑް އެސެސްމަންޓް ޙާސިލް ކުރެއްވުން.

 

ހިންގުންތެރިކަމުގެ އިނާމް:-

މި އިނާމަކީ ހއ. އަތޮޅަށް ނިސްބަތްވާ ރަށުކައުންސިލްތަކުގެ ތެރެއިން 2016 ވަނައަހަރު އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކުގެ ތެރެއިން އެއްވަނަ ދެވަނަ އަދި ތިންވަނަ ކައުންސިލެއް ކަނޑައަޅައި އިނާމުދިމެވެ. މިބައިން އެއްވަނަ އަދި ތިންވަނަ އަށް ހޮވޭވަރަށް މާރކްސް ލިބިފައިނުވާތީ އެއްވެސް ކައުންސިލެއް ކަނޑައެޅިފައެއް ނުވެއެވެ. އެންމެ ހިންގުންތެރި ރަށުކައުންސިލްގެ ބައިން ދެވަނަ ކައުންސިލަކަށް ހޮވުނީ ހއ. ކެލާ ކައުންސިލެވެ.

 

އެންމެ ހަރަކާތްތެރި ކްލަބު ޖަމްޢިއްޔާ:-

2016 ވަނައަހަރު އެންމެ ހަރަކާތްތެރި ކްލަބު ޖަމްޢިއްޔާއަކަށް ހޮވިފައިވަނީ ހއ. ކެލާ ޔޫތުފޯރަމެވެ.

 

ޚާއްސަ ޚިދުމަތުގެ އިނާމް:-

މިއީ ހއ. އަތޮޅަށް ނިސްބަތްވާ ރިޒޯޓްތަކުގެ ތެރެއިން އަތޮޅަށް އެންމެގިނަ ޚިދުމަތް ކުރައްވާފައިވާ ރިޒޯޓަކަށް ދެއްވާ އިނާމެވެ. މިއިނާމް 2016 ވަނައަހަރު ޙާސިލް ކުރެއްވީ ޖޭއޭ. މަނަފަރު ރިޒޯޓެވެ.

 

ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް:-

އަތޮޅު ކައުންސިލުން ދެއްވާ ޚިދުމަތުގެ އިނާމް ޙާސިލްކުރެއްވި ކުޅިވަރުގެ ދާއިރާއިން އަތޮޅަށާއި ރަށަށް ވަރަށް ގިނަމުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ އަދި މިހާރުވެސް އެދާއިރާއަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ހއ. ދިއްދޫ މާޒީ އަލްފާޟިލް މުޙައްމަދު ރަޝީދެވެ.

ދިވެހިރާއްޖޭގެ 74 ވަނަ ޤައުމީދުވަސް ކުލަގަދަކޮށް ދިއްދޫގައި ފާހަގަކޮށްފި

go

01 ރަބީޢުލްއައްވަލް 1439 : 19 ނޮވެމްބަރ 2017 ( އާދީއްތަ )   ނޮރަ ނަކަތުން 06


މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީސް އާއި ހއ. ދިއްދޫ ކައުންސިލާއި ހއ. އަތޮޅު ކައުންސިލް ގުޅިގެން ދިއްދޫގައި ހިންގަމުން ގެންދަވާ ސެޓްފިކެޓް 3 އިން މަލްޓިމީޑިއާ އެންޑް ވެބްޑިޒައިން ކޯހުގެ ބައިވެރިން އިސްނަގައިގެން ދިވެހިރާއްޖޭގެ އުފާވެރި 74 ވަނަ ޤައުމީދުވަސް ވަރަށް ކުލަގަދަކޮށް ދިއްދޫގައި ފާހަގަކޮށްފިއެވެ.

ޤައުމީދުވަހުގެ މުނާސަބަތުގައި ބޭއްވުނު ޙަރަކާތްތައް ފެށުނީ ޤައުމީ ދުވަހުގެ ހެނދުނު ބޭއްވުނު، ދިވެހި ސިފައިންގެ ސައިލެންޓް ޑްރިލްއަކުންނެވެ. މި ޑްރިލްގައި ހަތިޔާރާއެކު ސިފައިންގެ ތަފާތު ހުނަރުތައް ދައްކާލުން އޮތެވެ. އަދި އޭގެފަހުގައި ފޮޓޯ ނެގުމުގެ ހަރަކާތްތައް ބޭއްވުނެވެ.

ދުވަހުގެ މުނާސަބަތުގައި ކޯހުގެ ބައިވެރިން އިސްނަގައިގެން ހިންގި ގިނަ ކުޅިވަރުތައް ބޭއްވުނީ ދިއްދޫ ހިއްކި ބިމުގައި އޮންނަ ހިތްފަސޭހަ ފަސްގަނޑު ގައެވެ. މިދުވަހާ ގުޅިގެން ބޭއްވުނު ކުޅިވަރުގެ ތެރޭގައި ވާދެމުމާއި، ގޯނިރޭހާއި، ބިސްރޭހާއި، ކެއުމުގެރޭހާއި ހޭންޑްބޯޅަ ކުޅުމާއި ރިލޭރޭސް ކުޅުން ހިމެނެއެވެ. މިކުޅިވަރުތައް ނިންމާލީ ދިވެހިދިދަ ރަމްޒުކޮށްދޭ ކުލަތަކުން މޫދުގައި ކުލަތައް ފަވާލުމަށް ފަހުގައެވެ.

މަޢުލޫމާތު ލިބުނުގޮތުގައި މިއީ މިހާތަނަށް ދިއްދޫގައި އެންމެ ގިނަބަޔަކު ބައިވެރިވެގެން ހިންގުނު ކުޅިވަރު ޙަރަކާތެކެވެ. މި ކުޅިވަރުތައް ބައްލަވާ ލެއްވުމަށް ގިނަ ޢަދަދެއްގެ ކުދިބޮޑު އެންމެން ފަސްގަޑަށް ޖަމާވެފައިވެއެވެ.

މިހަރަކާތްތައް ހިނގަމުން ދިޔައިރު މި މައިދާނުގައި ދިއްދޫގައިހުރި އެންމެ ތާރީޚީ ބައެއްތަކެތި ދައްކާލުން އޮތެވެ. މިތަކެތީގެ ތެރޭގައި އިހުގެ ސަރަންފީއާއި، އަދަރާދު ގޮނޑިއާއި، މަލާފަތާއި، ކަޅުހިލަދައި އަދި ނާޅި ފަދަ ދުވަސްވީ ތަކެތި ހިމެނެއެވެ.

ޤައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ އެންމެބޮޑު ބޭނުމަކީ އަޅުގަނޑުމެންގެ ޅަދަރިންގެ ހިތްތަކުގައި ޤައުމީ ދުވަހުގެ މުހިންމުކަމާއި ގައުމީ ލޯބި އާލާކުރުމާއެކު އުފާވެރި މާހައުލެއް ދައްކައި ދިނުމެވެ. އަދި މިފަދަ މުނާސަބަތުތައް ފާހަގަ ކުރުމަކީ އެންމެން އެއްރޫހެއްގައި މަސައްކަތްކޮށްފިނަމަ އެހާ އުނދަނގޫ ކަމެއް ނޫންކަން މި އިވެންޓުންވެސް ފެނިގެން ހިގައްޖެއެވެ.

މަލްޓިމީޑިއާ އެންޑް ވެބްޑިޒައިން ކޯސް ފެށިގެން ކުރިއަށް އެބަގެންދަވާ

DSCN4039

ދިއްދޫގައި ހިނގަމުންދާ  މަލްޓިމީޑިއާ އެންޑް ވެބްޑިޒައިން ކޯހުގައި ކިޔަވައި ދެއްވަނީ


މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް ( އެމް.އެން.ޑި.އެފް ) ގެ '' ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީސް '' އާއި ހއ. ދިއްދޫ ކައުންސިލްގެ އިދާރާއާ ގުޅިގެން އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު ދިއްދޫގައި، މަލްޓިމީޑިއާ އެންޑް ވެބްޑިޒައިން ކޯހެއް ހިންގަވަމުން އެބަގެންދެއެވެ.

ސެޓްފިކެޓް ލެވެލް 3 ގެ ފެންވަރަށް ހިންގަވަމުން ގެންދަވާ މިކޯހުގައި 280 އަށްވުރެ ގިނަކުދިން ބައިވެރިވެ ކިޔަވަމުން ދެއެވެ. މިކޯހުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަ ކުރައްވައިގެން ކްލާހެއް ހިންގަވައެވެ. މިފަދަ ކޯހެއް ހިންގުމުގެ ބޭނުމަކީ ޒުވާނުންނަށް މިދާއިރާއިން ކުރިއަށް ދިއުމުގެ ފުރުޞަތު ހޯދައި ދިނުމާއި ފަންނީ ޤާބިލް ޖީލެއް އުފެއްދުމެވެ.

މިކޯހުގެ ގަޑިތައް ހަމަޖެހިފައިވާގޮތުން ހެނދުނު 8:00 ން ފެށިގެން ރޭގަނޑު 10:30 ހާ ހަމައަށް ކްލާސްތައް ހިނގަމުން ދެއެވެ. ޚާއްސަގޮތެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ފަންނީ ހުނަރު އިތުރުވެ އެކުދިން މި ދާއިރާއަށް ޝައުގުވެރިވެފައިވާ މިންވަރު އެކުދިން ކުރަހާފައިވާ ކުރެހުންތަކުން ދައްކައި ދެއެވެ. މި ކޯހަކީ 3 މަސްދުވަހުގެ މުއްދަތަށް ހިންގަވާ ކޯހެކެވެ.

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އެވޯޑް ދިނުން މި ނޮވެމްބަރ މަހުގެ ފަހުކޮޅު ބާއްވާގޮތަށް ހަމަޖައްސަވައިފި

DSC_5640

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: ހއ. އަތޮޅު ކައުންސިލް


ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ދެއްވަމުން އަންނަ ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އެވޯޑް ދެއްވުން މި ނޮވެމްބަރ 30 ވަނަ ދުވަހުގެރޭ ދިއްދޫގައި ބާއްވާގޮތަށް ހަމަޖައްސަވައިފިއެވެ. ތަފާތު ދާއިރާތަކަށް ބައްސަވާލައްވައިގެން ދެއްވަމުން ގެންދަވާ މި އެވޯޑް ދެއްވުމުގެ މަޤްޞަދަކީ އަތޮޅުގައި ތިއްބެއްވި ޚިދުމްމަތްތެރިންގެ އަގުވަޒަން ކުރެއްވުން ކަމުގައި އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

އަތޮޅު ކައުންސިލްގެ ފަރާތުން ދެއްވުމަށް ހަމަޖެހިފައިވާ އެވޯޑްތަކުގެ ތެރޭގައި ތަފާތު އެކިދާއިރާތަކުން އަތޮޅަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ދެއްވާ ޝަރަފްވެރި ކަމުގެ އެވޯޑާއި، އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އެވޯޑާއި، އެންމެ ހިންގުންތެރި ކައުންސިލަކަށާއި، އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށާއި، ހިންގުން ތެރި ކްލަބު ޖަމްޢިއްޔާ ހިމެނެއެވެ.

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ 2 ވަނަ ދައުރުގައި ފެއްޓެވި މި އެވޯޑް ދެއްވުން މެދުނުކެނޑި ކުރިއަށްދާ މިއީ ތިންވަނަ ފަހަރެވެ. މިފަދަ ރަސްމިއްޔާތެއް ފުރަތަމަ ބޭއްވުނީ 2014 ވަނަ އަހަރުއެވެ. މިއީ ކުލަގަދަކޮށް މުޅިރާއްޖެއަށް ފެންނަގޮތަށް ލައިވްކޮށް ބާއްވާ ޚާއްސަ ޖަލްސާއެކެވެ.

 

މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ ހއ. އަތޮޅު ކައުންސިލްގެ އިދާރާއަށް ލިބިއްޖެ

IMG_0140


01 އޮކްޓޯބަރ 2017 : 11 މުޙައްރަމް 1439 : އަތަ ނަކަތުން 11


މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތުގެ އިދާރާތަކުން އަމިއްލައަށް އިސްނަގައިގެން މަޢުލޫމާތު ހާމަކުރާ ފަރާތްތަކަށް ހިތްވަރު ދެއްވުމުގެ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދެއްވާ މަޢުލޫމާތު ހާމަކުރުމުގެ 2017 ވަނަ އަހަރުގެ ރަންވަނަ ހއ. އަތޮޅު ކައުންސިލްގެ އިދާރާއަށް ލިބިއްޖެއެވެ. މިއީ ދައުލަތުގެ ހުރިހާ މުވައްސަސާތަކަށް ހުޅުވައިލައިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދެއްވާ އެވޯޑެކެވެ. މި އެވޯޑް ހއ. އަތޮޅު ކައުންސިލްގެ އިދާރާއަށް ލިބުނީ ލޯކަލް ކައުންސިލްތަކުގެ ބައިން މުޅި ރާއްޖެއިން އެއްވަނަ ކައުންސިލަކަށް ހޮވިގެންނެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިކަމަށްޓަކައި 28 ސެޕްޓެމްބަރ 2017 ވަނަ ދުވަހުގެރޭ ބޭއްވުނު ޙަފުލާގައި ތައްޓާއި ސަނަދު ޙަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙުއެވެ. މި އިދާރާއިން އިނާމާ ޙަވާލުވެ ވަޑައިގެންނެވީ އަތޮޅު ކައުންސިލްގެ މެމްބަރ އަލްފާޟިލް ޢަބްދުﷲ އިންފާޒެވެ.

ހއ. އަތޮޅު ކައުންސިލަށް މިއެވޯޑް ލިބުނީ ވެބްސައިޓް މެދުވެރިކޮށް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ހާމަކޮށްގެންނެވެ.

ހއ. އަތޮޅު ކައުންސިލްގެ އިދާރާގެ ވެބްސައިޓަކީ އަތޮޅާބެހޭ ވަރަށްގިނަ ޢާންމު މަޢުލޫމާތުތަކާއި އަތޮޅުގެ ތާރީޚާއި ޘަގާފަތާއި ކައުންސިލުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކާއި އަދި ކައުންސިލުން ކުރަމުންދާ ވިޔަފާރިތަކާއި މިނޫނަސް އެތައް މަޢުލޫމާތުތަކެއް ލިބެންހުންނަ ވެބްސައިޓެކެވެ.

މި ކައުންސިލްގެ މަޤްޞަދަކީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ތެދު މަޢުލޫމާތު ހާމަކުރުމާއި، ރައްޔިތުންނަށް ޖަވާބުދާރީ ވުމުގައި ވީހާވެސް ދެފުށް ފެންނަގޮތަށް، މަޢުލޫމާތު ހާމަކުރާ ނަމޫނާ އޮފީހަކަށް ވެގެން ދިއުމެވެ.

ދިއްދޫ މީރާ ކަލެކްޝަން ސެންޓަރު ރަސްމީކޮށްހުޅުވައި ދެއްވައިފި

މީރާ


28 ސެޕްޓެމްބަރ 2017 : 08 މުޙައްރަމް 1439 : އަތަ ނަކަތުން 08


މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ( މީރާގެ ) ދިއްދޫ ކަލެކްޝަން ސެންޓަރު ރަސްމިކޮށް މިއަދު ހުޅުވައި ދެއްވައިފިއެވެ. މި ސެންޓަރު ހުޅުވައި ދެއްވީ ކޮމިޝަނަރ އޮފް ޓެކްސޭޝަސް އަލްފާޟިލް ޔަޒީދު މުޙައްމަދާއި އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަލްފާޟިލް ޢަލީ ޝަމީމެވެ. މިސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި މީރާގެ އިސް ވެރިންނާއި ދިއްދޫގައިހުރި ސަރުކާރުގެ މުވައްސަސާތަކުގެ އިސްވެރިންނާއި އަތޮޅު ކައުންސިލްގެ އިސްވެރިންގެ އިތުރުން ބައެއް ވިޔަފާރިވެރިންވެސް ބައިވެރިވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަ އޮފް ޓެކްސޭޝަސް ދެއްކެވި ވާހަކަފުޅުގައި ކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ޚާއްސަކޮށް އަތޮޅުތެރޭގައި ވިޔަފާރި ހިންގާ ފަރާތްތަކަށް ގެއްލުންވާކަމަށް ދެކެވޭވަހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ވިދާޅުވިއެވެ. މިގޮތުން ޓެކްސް ނިޒާމުގެ ތެރެއިން ކުދި ވިޔަފާރިތަކަށް ވަރަށްބޮޑެތި އިސްތިސްނާތަށް ދެވިފައިވާކަން ފާހަގަ ކުރައްވާ އެކަމުގެ ތަފްސީލް ހާމަކޮށް ދެއްވިއެވެ.

ހަމަމިއާއެކު ޓެކްސް ދައްކަންޖެހޭ ވިޔަފާރިތަކުން ގަވާއިދުން ޓެކްސް ދެއްކުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށާއި އަތޮޅު ތެރޭގައި ވިޔަފާރިކުރާ ފަރާތްތަކުންވެސް ޓެކުހުގެ ގާނޫނުތަކާއި ގަވާޢިދުތަކަށް ފުރިހަމައަށް ބޯލަބަންޖެހޭކަމަށް ޔަޒީދުގެ ވާހަފުޅުގައި ވިދާޅުވިއެވެ. އަދި ހިސާބުތައް ބެލެހެއްޓިފައި ނެތުމާއި ސިސްޓަމްތައް ހަލާކުވެފައިވާކަމަށް ބުނުންފަދަ ބަހަނާތައް ދެއްކުމަކީ އެންމެ ޒިންމާދާރުކަމާއެކު ދައްކަވާ ވާހަކަތަކެއް ނޫންކަމަށާއި ވިޔަފާރިއާގުޅޭ އެހެނިހެން ކަންތައްތައް ކުރާ ފަދައިން ވިޔަފާރީގެ ހިސާބުތައްވެސް ބެލެހެއްޓެން ވާނެކަމަށް ވިދާޅުވިއެވެ.

ޔަޒީދުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ ގަސްދުގައި ޓެކުހަށް މަކަރުހަދާ ޓެކްސްދެއްކުމުން ރެކެން މަސައްކަތްކުރާ ފަރާތްތައް ހޯދައި އެފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅުމަކީ ގަވާޢިދުން ޓެކްސްދައްކާ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް ވިދާޅުވިއެވެ. މިގޮތަށް އަމަލު ނުކުރެވޭނަމަ ޓެކްސްދައްކާ ހުރިހާ ފަރާތްތަކާމެދު ހަމަކަމާއެކު އިންސާފު ވެރިކަން ގާއިމު ނުކުރެވޭނެކަމަށް ވިދާޅުވިއެވެ.

ކޮމިޝަނަރގެ ވާހަފުޅުގައި މުސްތަގުބަލްގައި މިސެންޓަރުން މާލޭގައި ދެވޭ ހުރިހާ ޚިދުމަތެއް ދެއްވަން ގަސްދުކުރައްވާ ކަމަށާއި އެހެންނަމަވެސް އެކަމަށްކުޑަ ދުވަސްކޮޅެއް ނަގާނެކަމަށް ވިދާޅުވެ ދިއްދޫގައި މީރާގެ އޮފީސް ޢިމާރާތެއްކޮށް އިތުރު މުވައްޒަފުންނާއެކު މާލޭންދެވޭ ހުރިހާ ޚިދުމަތެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަލްފާޟިލް ޢަލީ ޝަމީމް ދެއްކެވި ވާހަކަފުޅުގައި ދިއްދޫގައި މީރާގެ ގޮތްޕެއް ހުޅުވިގެންދިޔައީ ދެވަނަ ދައުރުގައި ތިއްބެވި އަތޮޅު ކައުންސިލަރުންގެ ކުރެއްވި މަސައްކަތުން ކަމަށާއި އެކަމަށްޓަކައި ދެވަނަ ދައުރުގެ އަތޮޅު ކައުންސިލްގެ ރައީސަށާއި ނާއިބު ރައީސަށާއި މެމްބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މީރާގެ އޮފިސް ހިންގުމަށް ވަގުތީގޮތުން އަތޮޅު ކައުންސިލްގެ ގޯތިތެރެއިން ޖާގަދިނީވެސް އަތޮޅު ކައުންސިލަށް ބަލައިގަންނަ ދައުލަތުގެ އާމްދަނީއާބެހޭ ފައިސާ ފަސޭހަކަމާއެކު އަތޮޅު ރައްޔިތުންނަށް ދެއްކޭނެ ނިޒާމެއް ގާއިމުކުރުމުގެ މަގުސަދުގައި ކަމަށެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި މި ރަސްމިއްޔާތަށްޓަކައި އަތޮޅު ކައުންސިލްގެ ހީވާގި މުވައްޒަފުން ކުރައްވާފައިވާ މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ.

ރަށު ކައުންސިލްތައް މޮނިޓަރކުރުމުގެ ދެވަނަބުރު ފެށިއްޖެ

އުލިގަން


25 ސެޕްޓެމްބަރ 2017 : 05 މުޙައްރަމް 1439 : އަތަ ނަކަތުން 05


ތިލަދުންމަތީ އުތުރުބުރީ ބައެއް ރަށު ކައުންސިލްތައް ހިނގާނުހިގޮތްބަލާ، މޮނިޓަރ ކުރުމުގެ މަސައްކަތް އަތޮޅު ކައުންސިލުން ފައްޓަވައިފިއެވެ. އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި މިއަހަރުގެ ބާކީމިއޮތް ތިންމަސްދުވަހުގެ ތެރޭގައި ހަ ރަށެއް މޮނިޓަރ ކުރަން ހަމަޖެހިފައެވެއެވެ. މިގޮތުން މިއަދު ފެށުނު މިޕްރޮގްރާމްގެދަށުން އެންމެފުރަތަމަ މޮނިޓަރ ކުރަން ހަމަޖެހިފައިވަނީ އުލިގަމު ކައުންސިލްގެ އިދާރާއެވެ. ރަށު ކައުންސިލްތައް ހިނގާނުހިނގާގޮތް ބެލުމަކީ ލާމަރުކަޒީ ޤާނޫނުން އަތޮޅު ކައުންސިލަށް މަތިކޮށްފައިވާ ކަމަކެވެ.

ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ ބޭނުމަކީ ލާމަރުކަޒީ ޤާނޫނުން ރަށު ކައުންސިލްތަކަށް ލާޒިމުކުރާ ކަންތައްތައް ތަންފީޒުކުރަމުންދާ މިންވަރު ބެލުމާއި ކައުންސިލްތަކުން ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ޚިދުމަތުގެ ފެންވަރު ދެނެގަތުމާއި އިދާރީގޮތުން ކައުންސިލްގެ މަސައްކަތް ކުރިއަށް ގެންދާގޮތް ބެލުމެވެ. އަދި އިދާރީ ހިންގުމުގައި ގެންނަންޖެހޭ އިސްލާހު ގެނައުމެވެ.

އެންމެފަހުން ރަށުކައުންސިލްތައް މޮނިޓަރ ކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. މިއަދު ފެށުނު ޕްރޮގްރާމްގެ ދަށުން އެއްކުރެވޭނީ 2016 ވަނަ އަހަރު ކައުންސިލްތައް ހިނގާފައިވާގޮތުގެ މަޢުލޫމާތެވެ.

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު 2017 އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

DSC_5677

ތިލައުތުރު އުއްތަމަ އަރުތަވެރިންނަށް އިނާމް ދިނުން 2016 ގެ ޖަލްސާގެ މަންޒަރެއް. ފޮޓޯ: ހއ. އަތޮޅު ކައުންސިލް


ތިލަދުންމަތީ އުތުބުރީ އަތޮޅު ކައުންސިލުން ދެއްވަމުން ގެންދަވާ އިނާމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އަތޮޅު ކައުންސިލުން ޢާންމުކުރައްވާފައިވާ އިޢުލާނުގައިވާ ގޮތުން މި އިނާމަށް އެދި ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން 14 ސެޕްޓެމްބަރ 2017 ން 15 އޮކްޓޯބަރ 2017 ގެ ނިޔަލަށް އެބޭފުޅަކު ބޭނުންފުޅުވާ ދާއިރާއަކުން ފޯމް ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ.

ތިލަ އުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު ދިނުމުގެ ސިޔާސަތުގެދަށުން ހަ ދާއިރާއަކުން އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން އިނާމު ދެވޭ ދާއިރާތަކަކީ 

ޝަރަފުވެރިކަމުގެ އިނާމު

މަތީދަރަޖަ ހޯދާފަރާތްތަކަށް ދެވޭ ޚާއްޞަ އިނާމު

ހިތްވަރު ދިނުމުގެ އިނާމު

ކައުންސިލުންދޭ ޚާއްސަ އިނާމު

ހިންގުންތެރިކަމުގެ އިނާމު

ޚާއްސަ ޚިދުމަތުގެ އިނާމު

މިފަދަ އިނާމުތަކެއް ދިނުމުގެ ބޭނުމަކީ ޤައުމީ ފެންވަރުގައާއި އަތޮޅު ފެންވަރުގައި ފާހަގަކުރެވޭ ފަދަ ޚިދުމަތްތަކެއް އަތޮޅަށް ކޮށްދެއްވަމުން ގެންދަވާ ފަރާތްތަކުގެ އަގު ވަޒަންކުރުމާއި، ޢިލްމީގޮތުން ޤާބިލް ޖީލެއް ހއ. އަތޮޅުގައި  އުފެއްދުމާއި ޢިލްމު ހޯދުމަށް ދަރިވަރުން ކުރައްވާ މައްސައްކަތުގެ އަގުވަޒަން ކުރުމާއި ، ކުޅިވަރު ކުރިއެރުވުމާއި އަދި އިޖްތިމާޢީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އަގުވަޒަން ކޮށް އެ ފަރާތްތަކަށް ހިތްވަރު ދިނުމެވެ.

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން މިފަދަ އިނާމެއް ދެއްވަން ފައްޓަވާފައިވަނީ 2015 ވަނަ އަހަރުން ފެށިގެންނެވެ. މިއީ މިގޮތުން އިނާމު ދެވޭ ތިންވަނަ ފަހަރެވެ.

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމަށް އެދި ވަޑައިގަންނަވާ ފަރާތްތަކުން ފުރިހަމަ ކުރައްވަންޖެހޭ ފޯމް މި ވެބްސައިޓްގެ ޑައުންލޯޑްސް ބައިގެ ފޯމްތަކުން ލިބިވަޑައި ގަންނަވާނެއެވެ. އަދި އިނާމު ދިނުމާބެހޭ ސިޔާސަތު ބައްލަވަން ބޭނުންފުޅުވާނަމަ ޑައުންލޯޑްސް ބައިގެ އުސޫލްތަކުގެ ލިންކުން ފެނިވަޑައި ގަންނަވާނެއެވެ.،

« Older Entries